Friday, August 26, 2011

ކަދުރުގެ ތަފާތުފައިދާ ތަކާގުޅޭގޮތުން މަޢުލޫމާތުކޮޅެއް!


ރޯދަމަސް އައުމާއެކު މުޅި ދުނިޔޭގެ އެތަންމިތަނުގައި ކަދުރުގެ ވިޔަފާރި ޢާއްމުވެއެވެ. އެހެނީ ކަދުރަކީ މުސްލިމުން އެބައިމީހުންގެ ރޯދަ ވީއްލުމަށްޓަކައި ޒަމާނުއްސުރެ ބޭނުންކުރަމުން އައި ބާވަތެއްކަމުގައި ވީތީއެވެ. މިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިޥަސައްލަމްގެ ޒަމާނުއްސުރެ ދެމިގެން އައިސްފައިވާ އާދައެކެވެ. އަދި މިކަން މިގޮތަށް ދެމިގެން އައިސްފައި އޮތުމުގެ ސަބަބެއްކަމުގައި ވެފައިވަނީ ކަދުރުން ރޯދަވީއްލުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިޥަސައްލަމް ސުންނަތުން އަޅުގަނޑުމެންނަށް އިރުޝާދު ލިބޭތީއެވެ.
ކޮންމެއަކަސް އަޅުގަނޑު މިއުޅެނީ ކަދުރުން ރޯދަވީއްލުން ނުވަތަ ކަދުރާ ބެހޭގޮތުން އިސްލާމް ދީނުގައި އައިސްފައިވާ ގިނަގުނަ ވާހަކަތަކާ ބެހޭގޮތުން ލިޔާކަށެއްނޫނެވެ. ނަމަވެސް އަޅުގަނޑުގެ މިމަޟްމޫނުގެ ޤަސްދަކީ ކަދުރުން ލިއްބައިދޭ ޞިއްޙީ ފައިދާއާ ބެހޭގޮތުން ތިޔަބޭފުޅުންނަށް ކޮންމެވެސް މަޢުލޫމާތުކޮޅެއް އެރުވުމެވެ. އަޅުގަނޑަކީ މިކަމާބެހޭ މާހިރަކަށް ނުވިކަމުގައިވިޔަސް އަޅުގަނޑު މިލިޔާ ލިޔުމަކީ ކަމުގެ މާހިރުން އެބައިމީހުންގެ ދިގު ދިރާސާތަކާއި ތަޙުލީލުތަކަށްފަހު ބަޔާންކޮށް ދީފައިވާ މަޢުލޫމާތުތަކެކެވެ. އެހެންކަމުން މިމަޢުލޫމާތުތައް ތިޔަބޭފުޅުންނާ ޙިއްސާކޮށްލުމުގެ އުފާ ޙާޞިލުކުރަމުން ކުރިއަށް ދާނަމެވެ.
ކަދުރުން ލިއްބައިދޭ ޞިއްޙީފައިދާތައް އޭގައިވާ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ ނިއުޓްރިޝަން ލިއްބައިދެނެވި މާއްދާތަކަށް ބަލައިލުމުން ވަރަށް ރަނގަޅަށް ދޭހަވާނެއެވެ. މިގޮތުން ކަދުރުގެ ކޮންމެ 100 ގްރާމެއްގައި ހުންނަ ނިއުޓްރިޝަން ލިއްބައިދެނިވި މާއްދާތައް ތިރީގައި ލިޔެލާނަމެވެ.
* ސޯޑިއަމް – 2 މިލިގްރާމް
* ޖުމްލަ ކާބޯހައިޑްރޭޓް – 75 ގްރާމް
* ޑައެޓަރީ ފައިބަރ – 8 ގްރާމް
* ހަކުރު – 63 ގްރާމް
* ޕްރޮޓީން – 2 ގްރާމް
* ވިޓަމިން – A 10 IU
* ވިޓަމިން ސީ – 0.4 މިލިގްރާމް
* ވިޓަމިން އީ – 0.05 މިލިގްރާމް
* ވިޓަމިން ކޭ – 2.7 މައިކްރޯގްރާމް
* ތިޔަމިން – 0.052 މިލިގްރާމް
* ރީބޯފްލެވިން – 0.066 މިލިގްރާމް
* ނިއެސިން – 1.274 މިލިގްރާމް
* ވިޓަމިން ބީ6 – 0.165 މިލިގްރާމް
* ފޯލޭޓް – 19 މައިކްރޯގްރާމް
* ޕެންޓޮތެނިކް އެސިޑް – 0.589 މައިކްރޯގްރާމް
* ކެލްސިއަމް – 39 މިލިގްރާމް
* ދަގަނޑު – 1.02 މިލިގްރާމް
* މެގްނީޒިއަމް – 43 މިލިގްރާމް
* ފޮސްފޮރަސް – 62 މިލިގްރާމް
* ޕޮޓޭސިއަމް – 656 މިލިގްރާމް
* ސޯޑިއަމް – 2 މިލިގްރާމް
* ޒިންކް – 0.29 މިލިގްރާމް
* ލޮއި – 0.206 މިލިގްރާމް
* މެންގަނީޒް – 0.262 މިލިގްރާމް
* ސެލީނިއަމް – 3 މައިކްރޯގްރާމް
* ޖުމްލަ ފެޓް – 0.39 މިލިގްރާމް
* ސެޗުރޭޓެޑް ފެޓް – 0.032 މިލިގްރާމް
* މޮނޮއަންސެޗުރޭޓެޑް ފެޓް – 0.036 މިލިގްރާމް
* ޕޮލިއަންސެޗުރޭޓެޑް ފެޓް – 0.019 މިލިގްރާމް
ކާބޯތަކެތީގެ ތެރެއިން އެކައްޗެއްގައި މިހާގިނަ ބާވަތްތައް އެކުލެވިގެންވަނީ ވަރަށްވެސް މަދު އެއްޗެއްގައެވެ. ވަކިން ޚާއްޞަކޮށް ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ޑައެޓަރީ ފައިބަރ ލިއްބައިދޭ ވަރަށް މުހިއްމު މޭވާއެކެވެ. އަޅުގަނޑުމެން އެންމެން މަޝްހޫރުކުރާ އެމެރިކާގެ އެމެރިކަން ކެންސަރ ސޮސައިޓީ” ބުނާގޮތުންނަމަ އިންސާނަކު ފުރިހަމަ ގޮތުގައި ހެދިބޮޑުވުމަށް ދުވާލެއްގެ މައްޗަށް 20 ގްރާމްއާއި 34 ގްރާމްއާ ދެމެދުގެ މިންވަރަށް ޑައެޓަރީ ފައިބަރ ބޭނުންވެއެވެ. އެމެރިކާގެ ޕެންސިލްވޭނިޔާގެ ޔުނިވަރސިޓީ އޮފް ސްކްރެންޓަންގެ ސައިންޓިސްޓުންގެ ހޯދުންތައް ބުނާގޮތުން ހިތުގެ ބަލިތަކާއި ކެންސަރު ބަލިން މީހާ ރައްކާތެރިކޮށްދޭ މާއްދާތަކެއްކަމަށްވާ ޕޮލިފެނޯލްސް” (ކުރީގައި ވިޓަމިން ޕީ) އެންމެ ގިނައިން އެކުލެވިގެންވާ ހިކިމޭވާގެ ބާވަތަކީ ކަދުރެވެ. ކަދުރުގައި ޑައެޓަރީ ފައިބަރާއި ހަކުރާ ލައިގެން ހިމެނޭ ކާބޯހައިޑްރޭޓްސްގެ މިންވަރު 75 ގްރާމް ކަމުގައި ވުމުގެ ނަތީޖާއެއްގެ ގޮތުން ކަދުރު ވެފައިމިވަނީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަސްކަމާއެކު ލިއްބައިދެނިވި އެންމެ ރަނގަޅު ކާނާގެ ބާވަތްކަމުގައެވެ. މީގެ އިތުރުން އިންސާނާގެ މަހާއި ނާރުތަކުގެ ނިޒާމް ފުރިހަމަ ޞިއްޙަތެއްގައި ދެމެހެއްޓުމަށް ބޭނުންވާ މާއްދާއެއްކަމަށްވާ ޕޮޓޭސިއަމްވެސް އެންމެ ގިނައިން އެކުލެވިގެންވާ އެއްބާވަތީ ކަދުރެވެ.
މީގެ އިތުރުންވެސް އިސްވެ ލިޔެވިފައިވާ ލިސްޓުގައިވާ ކޮންމެ ބާވަތަކީވެސް އިންސާނެއްގެ ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ހެދި ބޮޑުވުމަށް ބޭނުންވާ މާއްދާތަކެވެ. އެހެންކަމުން ކެއުމުގައި ކަދުރު ބޭނުން ކުރުމީ ހަށިގަނޑަށް ނުހަނު ގިނަ ފައިދާތައް ލިއްބައިދޭނޭ ކަމެއްކަމުގައިވުމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އިންސާނާއަށް ދިމާވާ ބަލިމަޑުކަމުގެ ތެރެއިން ބައެއްކަންކަމަށް ކަދުރު ބޭނުންކުރުމުގެ ސަބަބުން ފަރުވާ ލިބޭކަމަށް އިސްވެ ދެންނެވިފައިވާފަދަ ތަޙުލީލުތަކުން ދައްކާފައިވެއެވެ. މިގޮތުން އެފަދަ ބައެއްކަންކަން ތިރީގައި ބަޔާންކޮށްލާނަމެވެ.
* ބަނޑު ހަރުވުން – ކަދުރަކީ ބަނޑުހަރުވުމުން ދުރުކޮށްދޭ ކާނާގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ނަމަވެސް އޭގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށްޓަކައި ބަނޑުހަރުވެފައިވާ މީހާ ކަދުރު ބޭނުންކުރަން ޖެހޭނީ އެއްރޭ ވަންދެން ފެނުގައި ލުމަށްފަހު އެފެނާ އެކުގައެވެ.
* ބަނޑުގެ އެކިކަހަލަ އުނދަގޫތައް – ކަދުރުގައި ހިމެނޭ ނިއެސިން މާއްދާއަކީ ބަނޑުގެ އެކިކަހަލަ އުނދަގޫތަށް ދުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
* ހިތުގެ ޞިއްޙަތު – ކަދުރަކީ މީހާގެ ހިތުގެ ޞިއްޙަތަށް ދުޅަހެޔޮކަން ގެނެސްދޭ ނުހަނު ފައިދާހުރި ކާނާއެކެވެ. އެއްރޭ ވަންދެން ފެނުގައި ކަދުރު ލުމަށްފަހު އެޗިސްކޮށްގެން ކެއުމުން (މާއްދީގޮތުން) ބަލިކަށިވެފައިވާ ހިތްތަކަށް ނުހަނު ފައިދާކުރަކަމުގައި ހޯދުންތަކުން ދައްކައެވެ.
* ޖިންސީ ބަލިކަށިކަން – ކަދުރަކީ އިންސާނާގެ ހަށިގަނޑުގައިވާ ޖިންސީ ބާރު ވަރުގަދަކޮށް ދިނުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭ މާއްދާތައް އެކުލެވޭ މޭވާއެކެވެ. އަދި ޖިންސީ ގޮތުން ބަލިކަށިވެފައިވާ މީހުން ބަކަރި ކިރުގައި އެއްރޭ ވަންދެން މުށެއްހާ ކަދުރު ލުމަށްފަހު އެކިރާ އެއްކޮށް ފުނޑައި، މުގުރާފައި ހުރި ކާފޫރުތޮޅިއާއި މާމުޔާ އެއްކޮށް ބުއިމެއްގެ ގޮތުގައި ބޭނުން ކުރުމުން އެބައިމީހުންގެ ޖިންސީ ބާރު ވަރުގަދަކޮށް ދަރިފަނި އުފެއްދުމަށާއި ދަރިމައިވުމަށް އެހީތެރެވެދެއެވެ.
* ބޭރަށް ހިންގުން – ދޮންވެފައިވާ ތާޒާ ކަދުރަކީ އޭގައި ބޭރަށް ހިންގުމުން ދުރުކޮށްދޭ މާއްދާއެއް ކަމަށްވާ ޕޮޓޭސިއަމް ނުހަނު ގިނަ ބާވަތެކެވެ. އެހެންކަމުން ބޭރަށް ހިންގާ މީހުން ދޮންވެފައިވާ ތާޒާ ކަދުރު ބޭނުންކުރުން ހުއްޓެވެ.
* ބަނޑުގެ ކެންސަރު -  ކަދުރަކީ ބަނޑުގެ ކެންސަރުން ރައްކާތެރިކޮށް ދިނުމަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ. މިގޮތުން މިފަދަ ބަލިމީހުންގެ ކޮންމެ ޢުމުރަކަށް ވިޔަސް އެހެން ބޭސްތަކާއެކު ބޭހެއްގެ ގޮތުގައި، ކަދުރު ބޭނުންކުރުން ހުއްޓެވެ. އަދި ބޭސްތަކާ ޚިލާފަށް ކަދުރަކީ އެއްވެސް ބާވަތެއްގެ ސައިޑް އިފެކްޓެއް ކުރާ ބާވަތެއް ނޫނެވެ.
މިހުރިހާކަމެއްގެ އިތުރުން އަޅުގަނޑުމެން ކާބޯތަކެތީގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަބަދުހެން ބިރުން މިއުޅޭ ކޮލެސްޓްރޯލްއޭ މިކިޔާ ބާވަތުގެ އެއްވެސް މިންވަރެއް ކަދުރުގައި އެކުލެވިފައި ނެތުމީ ކަދުރު ފަރިއްކުޅުއްވުމުގައި ތިޔަބޭފުޅުންގެ ހިތްތަކަށް ލިބިވަޑައިގަންނަވާނޭ ވަރަށް ބޮޑު ތަސައްލީއެކެވެ. ވީމާ ދުޅަހެޔޮ ޞިއްޙަތަކަށްޓަކައި ކެއުމުގައި ގިނަގިނައިން ކަދުރު ބޭނުންކުރައްވާށެވެ. ރޯދަ މަހުގައެވެ. އަދި ރޯދަ މަހަށް ފަހުގައިވެސްމެއެވެ والله أعلم