ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކީރިތި ގުރްއާނުގައި ހިމެނިގެންވާ ޝިފާގެ އާޔަތްތަކަކީ އެއާޔަތެއްގައި "ޝިފާ" މިލަފްޡު އެކުލެވިގެންވާ އާޔަތްތަކެވެ. އެއާޔަތް ތަކަކީ: ތައުބާ ސޫރަތުގެ 14 ވަނަ އާޔަތް قَاتِلُوهُمْ يُعَذِّبْهُمُ اللّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ... ޔޫނުސް ސޫރަތުގެ 57 ވަނަ އާޔަތް يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ.. ނަޙްލު ސޫރަތުގެ 69 ވަނަ އާޔަތް ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ إِنَّ فِي ذَلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ އަލް އިސްރާ ސޫރަތުގެ 82 ވަނަ އާޔަތް وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إَلاَّ خَسَارًا... އައްޝުޢަރާ ސޫރަތުގެ 80 ވަނަ އާޔަތް وَإِذَا مَرِضْتُ فَهُوَ يَشْفِينِ... ފުއްޞިލަތް ސޫރަތުގެ 44 ވަނަ އާޔަތް وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ أَأَعْجَمِيٌّ وَعَرَبِيٌّ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشفَاء وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى أُوْلَئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ... މިކަމުގައި ހަނދާނުގައި ބަހައްޓަންޖެހޭ ވަރަށް މުހިންމު ނުކުތާ އެއް އެބައޮތެވެ. އެއީ، ﷲ އަށާއި އެކަލާނގެ ބާވާލެއްވި އާޔަތްތައް ފުރިހަމަ އަށް ތެދުކޮށް ގަބޫލުކޮށް އިތުބާރު ކުރުމަކީ ޝިފާ ލިބުމުގެ އެންމެ މުހިންމު އެއް ކަންތަކެވެ. ހަމައެކާއި އެކު ކެތްތެރި ވުމަކީ މުހިންމު ކަމެކެވެ. އަދި ތިމާ އެދޭކޮންމެ ގޮތަކަށް ތިމާގެ ދުޢާ އިޖާބަ ނުވުމަކީ އެކަށީގެންވާ ކަމެއްކަން ދަންނަން ވާނެއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނެ ގޮތެއް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ. މިޘާލަކަށް ވަކިބައްޔަކުން ޝިފާ ދެއްވުން އެދި ގުރްއާން ކިޔެވިނަމަވެސް، ފަހަރުގައި އެބައްޔަކުން އެމީހަކަށް ޝިފާ ނުލިބި ލަސްވުމަކީ އެކަށީގެންވާކަމެކެވެ. މީގެ ސަބަބުން އެކިޔެވުމުން ފައިދާ ނުކުރަނީ ކަމުގައި ބައެއް ފަރާތްތަކަށް ހީވެދާނެއެވެ. އެހެންނަމަވެސް، އެގޮތަށް ހީކުރުމަކީ މުއިމިނުންނަށް ހުއްދަވެގެންވާ ގޮތެއް ނޫނެވެ. ސަބަބަކީ ގުރްއާނުގައި ޝިފާ އެއް ވާކަމަށް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. މިކިޔެވި ކިޔެވުމުގެ ސަބަބުން ފަހަރުގައި މިބައްޔަށްވުރެ ބޮޑު އެހެން ބައްޔަކުން މީހާ ސަލާމަތް ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. މިކެޔެވި އާޔަތްތަކުގެ ސަބަބުން އަޅުގަޑުމެންނަށް ކުރިމަތިވާން އޮތް ބޮޑު މުޞީބާތަކުން ދުރުހެލި ކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަޅުގަޑުމެންގެ ދުޢާ އިޖާބަކުރެއްވުން، ގިޔާމަތާއި ހަމައަށް ލަސްކޮށްލެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ގިޔާމަތްދުވަހަކީ ﷲ ގެ ފުއްސެވުމާއި ރަޙްމަތަށް އަދި ނަރަކައިން މުއްތިކުރެއްވުމަށް އަޅާ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދުވަހެވެ. އަޅުގަޑުމެންގެ އަމިއްލަނަފްސާއި ސުވާލުކޮށްލަމާތޯއެވެ. އަޅުގަޑުމެންނަށް ބޮޑަށް ރަގަޅީ ބޮޑުބައްޔަކުން ޝިފާ ލިބުންތޯ ނުވަތަ މުދަލަކުން ދަރިޔަކުން ފައިދާ ނުކުރާދުވަސް ކަމުގައިވާ ގިޔާމަތްދުވަހުގައި ނަބީބޭކަލުންނާއެކު ﷲ ގެ ރަޙްމަތުގެ ގޯތި ސުވަރުގޭގައިވުންތޯއެވެ؟ އެހެންކަމުން، ޝިފާ ނުލިބިގެން ލަސްވެގެން ނޫޅޭށެވެ. ކޮންމެ ކަމެއްވެސް ވަނީ ﷲ ގެ އަތްޕުޅުގެ މަތީގައެވެ. އެކަލާނގެ އިރާދަކުރެއްވި ވަގުތަކުން، އިރާދަކުރެއްވި ގޮތަކަށް އެކަމެއް ނިމިގެންދާނެއެވެ. ތިމާ އަށް ނޭގޭ ކޮންމެވެސް ގޮތަކަށް ﷲ ތަޢާލާ ތިމާގެ ދުޢާ އިޖާބަ ކުރައްވާނެކަމުގެ ޔަގީންކަން ހިތުގައި ބާއްވާށެވެ. އަދި ތިމާ ކިޔަވާ ކޮންމެ އާޔަތަކީ މުސްތަގްބަލުގައި ތިމާ އަށް ޖެހެން ހުރި ކޮންމެވެސް ބައްޔަކުން ސަލާމަތް ކުރައްވާނެ އާޔަތެއް ކަމުގައި ގަބޫލުކޮށް ޔަގީން ކުރާށެވެ. ގުރްއާން ކިޔެވުމުން ޝިފާ ލިބެނީ ކޮންކަހަލަ ބަލިތަކަކަށްބާ؟ ގުރްއާނަކީ ހުރިހާ ބައްޔަކަށް ހުރި ޝިފާ އެކެވެ. އަލްއަންފާލް ސޫރަތުގެ 24 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّـهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ) މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް رسول އާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ!". މި އާޔަތުން ދޭހަވަނީ ﷲ ގެ އާޔަތްތަކުގައި އަޅުގަޑުމެންނަށް ދިރުމެއް ލައްވާފައިވާ ކަމެވެ. އިންސާނާގެ ހަށިގަޑުގެ އެއްވެސް ސެލް އަކަށް ބައްޔެއް ޖެހި އޭގެ ދިރުން ހުއްޓި ނުވަތަ ލަސްވެފައިވާނަމަ ﷲ ގެ އާޔަތްތައް ކިޔެވުމުން އެސެލްތަކަށް އަލުން ދިރުން ދެއްވާކަމެވެ. އަދި ކުރިޔަށްވުރެވެސް ވަރުގަދަކޮށް އެސެލްތައް މަސައްކަތްކުރަން ފަށާކަމެވެ. އެހެންކަމުން، ﷲ ގެ އާޔަތްތައް ތިލާވަތު ކުރުމަކީ ﷲ ގެ ރަޙްމަތުން ބައްޔަށް ޝިފާ ލިބެނިވި ކަމެކެވެ. އެހެންކަމުން ހުރިހާ ބައްޔަކަށް ޝިފާ އެއް ކީރިތި ގުރްއާނުގައި ލައްވާފައިވެއެވެ. އެއީ، ނަފްސާނީ ބައްޔެއް ކަމުގައިވީނަމަވެސް، ނުވަތަ ހަށިގަނޑަށް ޖެހިފައިވާ ބައްޔެއް ކަމުގައިވީނަމަވެސް، ސިޙުރު ޖެހިފައިވީނަމަވެސް، ނުވަތަ ޖިންނި އަވަލާފައިވީނަމަވެސް އެވެ. މިއާޔަތްތައް ކިޔެވުމުން ﷲ ގެ ރަޙްމަތުން ތިމާގެ ބައްޔަށް ޝިފާ ލިބޭނެކަން ބަލިމީހާ ގަބޫލުކޮށް ޔަގީން ކުރަން ޖެހޭނެއެވެ. ސަބަބަކީ ބޭހާއި މެދުގައި ބަލިމީހާ އިތުބާރު ކުރުމަކީ ޝިފާގެ ދެބައިކުޅަ އެއްބައެވެ. ބަލިމީހާގެ މައްޗަށް ގުރްއާން ކިޔަވާނީ ކޮންގޮތަކަށްބާ؟ ބަލިމީހާގެ މައްޗަށް ގުރްއާން ކިޔެވުން އެންމެ ރަގަޅީ އޭނާ އަމިއްލައަށެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ބަލިމީހާގެ ބައްޔަށް އެންމެ ބޮޑަށް އަޘަރުފޯރުވަނީ އޭނާ އަމިއްލަ އަށް ކިޔެވުމުންނެވެ. ބަލިމީހާގެ އަމިއްލަ އަޑުން ކިޔެވުމުން އޭނާގެ ސެލްތައް އިޖާބަދޭލެއް ނުވަތަ ކިޔެވުމުގެ އަޘަރު ސެލްތަކަށް ކުރާލެއް އަވަހެވެ. އެހެންކަމުން، ބަލިމީހާ އަމިއްލަ އަށް ކިޔެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް، ބަލިޙާލަތު ހުރި ގޮތުން އަމިއްލަ އަށް ކިޔެވުމުގެ ކުޅަދާނަކަން ލިބިގެންނުވާނަމަ، އެހެންމީހަކު ލައްވާ ކިޔެވުމަކުން މައްސަލަ އެއް ނެތެވެ. މިގޮތުން ކިޔަވާ މީހަކު އެކިޔަވާ އާޔަތްތަކާއި މެދުގައި ވިސްނާ، އަދި މިކިޔެވެލީގެ ބަރަކާތުން ﷲ ގެ ރަޙްމަތްލައްވައި، ބަލިމީހާ އަށް ޝިފާ ލިބޭނެކަން ޔަގީން ކުރަންވާނެއެވެ. މިގޮތަށް ކިޔަވާ އިރުގައި ބަލިމީހާ އަށް އަޑުއިވޭ ވަރަށް ކިޔެވުން އެދެވިގެންވެއެވެ. ބަލިމީހާގެ ގާތުގައި ކިޔެވުން އެންމެ ރަގަޅީ ކޮން ވަގުތަކު؟ ކިޔެވުމަށް ވަކިވަގުތެއް ނުވެއެވެ. ކޮންމެ ވަގުތެއްގައިވެސް ކިޔަވަންވީއެވެ. ކޮޅަށް ހުރެގެންވެސް، އިށީނދެ އިނދެގެންވެސް، އަދި އޮށޯވެ އޮވެގެންވެސް ކިޔަވަންވީއެވެ. ގުރްއާން އަޑުއެހުމުން ފަރުވާ ލިބިގަތުން ގުރްއާން ކިޔަވާ އަޑު ސީޑީ އަކުން ނުވަތަ ރޭޑިޔޯ އަކުން ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން އެހުމަކީވެސް ރަގަޅު ކަމެކެވެ. މިގޮތުން ގުރްއާން އަޑުއަހާއިރުގައި ކިޔެވެމުންދާ އާޔަތްތަކާއި މެދުގައި ވިސްނާ ފިކުރުކުރަންވާނެއެވެ. ނިދާފައި އޮންނަ ގަޑީގައިވެސް ގުރްއާން ޖަހާފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ އިންސާނާ ނިދާފައިވީނަމަވެސް އޭނާގެ ސިކުނޑި ގުރްއާން އަޑުއެހުމުން އުފާލިބިގަނެއެވެ. ރޫމް ސޫރަތުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُم مِّن فَضْلِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ) މާނައަކީ: " އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ". ބަލިމީހެއްގެ ކައިރީ ކިޔަވަން އެންމެ ރަގަޅު އާޔަތް ތަކަކީ ކޮބާ؟ ކޮންމެ ބައްޔަކަށް ނަމަވެސް ޝިފާ ހޯދުމުގެ ގޮތުން ކިޔެވުން އައުލާކަން ބޮޑު އާޔަތްތަކެއްވެއެވެ. މިއާޔަތްތައް ކިޔެވުމުން ބަލިތަކަށް ޝިފާ ލިބޭ ކަމުގައި ތަޖްރިބާ ކުރެވިފައިވާ އާޔަތްތަކެވެ. އެއީ: 1. ސޫރަތުލް ފާތިޙާ ހަތްފަހަރު ކިޔެވުން. ކީރިތި ގުރްއާނުގައިވާ އެންމެ މާތް، އެންމެ މަތިވެރި ސޫރަތަކީ ސޫރަތުލް ފާތިޙާ އެވެ. އެސޫރަތާއި ބެހޭ ގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. (والذي نفسي بيده لم ينزِّل الله مثلها في التوراة ولا في الإنجيل ولا في الزبور ولا في الفرقان) މާނައަކީ: "ތިމަންކަލޭގެ ފާނުގެ ނަފްސު އެފަރާތެއްގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. އެފަދަ ސޫރަތެއް ތައުރާތުގައިވެސް، އިންޖީލުގައިވެސް އަދި ޒަބޫރުގައިވެސް ބާވާލައްވާފައެއް ނުވެއެވެ. އަދި އެފަދަ އެހެން ސޫރަތެއް ފުރްގާނުގައިވެސް ބާވައެއް ނުލައްވައެވެ". މިސޫރަތް ހަތްފަހަރު ކިޔެވުމުގެ ޙިކްމަތަކީ އެސޫރަތަށް "އައްސަބްޢުލް މަޘާނީ" މިނަމުން ނަންދެވިފައިވުމެވެ. 2. އާޔަތުލް ކުރްސީ ކިޔެވުން. މިއާޔަތް ކިޔަވާ މީހުން ހުރިހާ ނުބައިކަންތަކާއި ބަލިތަކުން ސަލާމަތް ކުރައްވާނެ ކަމަށް ކީރިތި ރަސޫލާ-ޞައްލަﷲޢަލައިހި ވަސައްލަމަ- ވަނީ އަންގަވާފައެވެ. 3. ސޫރަތުލް ބަގަރާގެ ފަހު ދެއާޔަތް. ކޮންމެ ރެއަކު މިދެއާޔަތް ކިޔަވައިފި މީހަކަށް ހުރިހާ ބަލިތަކުންނާއި ސުންޕާ ކަމަކުން ސަލާމަތް ކަން ލިބިއްޖެ ކަމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ އަންގަވާފައެވެ. 4. ސޫރަތުލް އިޚްލާޞް. މިސޫރަތަކީ ގުރްއާނުގެ ތިންބައިކުޅަ އެއްބަޔެވެ. މިސޫރަތުގައި ﷲ ގެ އެއްކައުވަންތަ ކަމުގެ ޞިފަތައް ވަރަށް ގިނައިން ހިމެނިފައިވެއެވެ. އެހެންކަމުން، ބަލިތަކުން ފަރުވާ ހޯދުމަށްޓަކައި މިސޫރަތް ކިޔެވުމަކީ މުހިންމު ކަމެކެވެ. 5. ފަލަގި ނާސި ދެސޫރަތް ކިޔެވުން. މިދެ ސޫރަތް ކިޔަވާ މީހަކު އެންމެހައި ބަލިތަކާއި ނުރައްކާތަކުން ސަލާމަތްވާނެ ކަމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ އަންގަވާފައެވެ. އިސްވެ ބަޔާން ކުރެވުނު އާޔަތްތަކުގެ އިތުރުން ކޮންމެ ބައްޔެއްވެސް އެބައްޔަކާއި ގުޅޭ ގޮތުން އިތުރު އާޔަތް ތަކެއް ކިޔެވުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން އެކި އެކި ބައްޔަށް ފަރުވާ ހޯދުމަށް އެޔާއި ގުޅޭ އާޔަތްތަކާއި ސޫރަތްތައް ތިރީގައި ބަޔާން ކޮށްލާނަމެވެ. ނަފްސާނީ އަދި ބިރުވެރިކަމާއި ހާސްކަމުގެ ފަރުވާ އަކަށް: އިސްވެ ބަޔާން ކުރެވުނު އާޔަތްތަކުގެ އިތުރުން ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތް (الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ) މާނައަކީ: " އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟". މި އާޔަތް ހެނދުނާއި ހަވީރު ހަތް ފަހަރު ކިޔެވުން. މީގެ އިތުރުން ސޫރަތުލް ގުރައިޝް (لِإِيلَافِ قُرَيْشٍ ﴿١﴾ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ ﴿٢﴾ فَلْيَعْبُدُوا رَبَّ هَـٰذَا الْبَيْتِ ﴿٣﴾ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ ) ތަކުރާރު ކޮށް ކިޔެވުން ރަގަޅެވެ. މާޔޫސްކަމާއި ކުރިމަތިލާން ޖެހުމުން ފަރުވާ ހޯދުމަށް ޓަކައި: ޔޫސުފް ސޫރަތް ކިޔެވުން މުހިންމެވެ. ސަބަބަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް މިސޫރަތް ބާވާލެއްވުނީ އެކަލޭގެފާނަށް އެންމެ ދަތިބޮޑުވި ވަގުތުގައެވެ. އެކަލޭގެފާނަށް ހިތްވަރުދެއްވައި ކެތްތެރިވެ ވަޑައިގަތުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. މީގެ އިތުރުން ޔޫނުސް ސޫރަތުގެ 58 ވަނަ އާޔަތް ކަމުގައިވާ (قُلْ بِفَضْلِ اللَّـهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ) މާނައަކީ" ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ فضل ވަންތަ ކަމާއި، އެކަލާނގެ رحمة އަށްޓަކައި (އެބަހީ: إسلام دين އާއި قرآن އަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަންބޮޑެވެ". މިއާޔަތް ތިންފަހަރަށް ކިޔެވުން. މިއާޔަތުގައި މީހާގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ހިމެނިގެންވެއެވެ. ކެންސަރު ބަލިން ފަރުވާ ހޯދުމަށް: ޔޫނުސް ސޫރަތުގެ 81-82 ވަނަ އާޔަތް ކިޔެވުން. (إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ) މާނައަކީ: " ހަމަކަށަވަރުން، اللَّه، އެ ޖާދޫ باطل ކުރައްވާނެތެވެ. ހަމަކަށަވަރުން، فساد ކުރާ މީހުންގެ عمل، اللَّه إصلاح އެއް ނުކުރައްވާހުށްޓެވެ. އަދި ކުށްވެރިން ނުރުހުނަސް، اللَّه އެކަލާނގެ كلمة ފުޅުތަކުން حق ސާބިތުކުރައްވައި ފާޅުކުރައްވާނެތެވެ". ސިޙުރު ބާޠިލް ކުރުމަށްޓަކައިވެސް މިއާޔަތްތައް ކިޔެވުން ރަގަޅެވެ. މިއާޔަތްތައް މަދުވެގެން ހަތްފަހަރު ކިޔަވަންވާނެއެވެ. މީގެ އިތުރުން ސޫރަތު ޔާސީން ކިޔެވުން، އަދި ކޮންމެ ދުވަހަކުވެސް ސޫރަތުލްބަގަރާ އެއްކޮށް ނުވަތަ ބައެއް އަޑުއެހުން، އަދި ވަގުތުވީ ވަރަކުން ތަކުރާރުކޮށް ސޫރަތުލް ބަގަރާ އަޑުއެހުން ހިމެނިގެންވެއެވެ. މީގެ އިތުރުން ސޫރަތުއް ޠޫރު އާއި ސޫރަތުއް ރޫމް ކިޔެވުމަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްޓަކައި ރަގަޅު ކަމެކެވެ. ދިގު ޒަމާންވީ ބަލިތަކާއި ހަމުގެ ބަލިތަކުގެ ފަރުވާ އަކަށް: އައްޔޫބް ޢަލައިހިއްސަލާމް އަށް ބޮޑު ބައްޔެއްޖެހި، ޒަމާންތަކެއް އެކަމުގައި ވޭތުކުރަން ޖެހުމުން އެކަލޭގެފާނު ކުރެއްވި ދުޢާގެ ބަރަކާތުން މާތް ﷲ އެކަލޭގެފާނަށް ޝިފާ ދެއްވިއެވެ. އެދުޢާ އަކީ އަލްއަންބިޔާ ސޫރަތުގެ 83 ވަނަ އާޔަތެވެ. (أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ) މާނައަކީ: " ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ". މީގެ އިތުރުން ޒުމަރު ސޫރަތުގެ 23 ވަނަ އާޔަތް ކިޔެވުން. (اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُتَشَابِهًا مَثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللَّهِ ذَلِكَ هُدَى اللَّهِ يَهْدِي بِهِ مَنْ يَشَاءُ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ) މާނައަކީ: " اللَّه، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حال ގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް اللَّه ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ". ވަސްވާސްތަކާއި ބިރުވެރިކަން، އަދި ހާސްކަމުގެ ފަރުވާ އަކަށް: ޔޫނުސް ޢަލައިހިއްސަލާމް މަހުގެ ބަނޑުތެރޭ އޮންނަވައިގެން ކުރެއްވި ދުޢާ، އަލްއަންބިޔާ ގެ 87 ވަނަ އާޔަތް،( لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ) މާނައަކީ" އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ". މީގެ އިތުރުން ތަސްބީޙަ ކިޔުން ގިނަކުރުމަކީ މިފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ރަގަޅު ކަމެކެވެ. (سبحان الله وبحمده سبحان الله العظيم ). ދަރިން ނުލިބުމުގެ ފަރުވާ ހޯދުމަށް: ޒަކަރިއްޔާ ޢަލައިހިއްސަލާމް ކުރެއްވި ދުޢާ، އަލްއަންބިޔާ ސޫރަތުގެ 89 ވަނަ އާޔަތް، (رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ)މާނައަކީ: " އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ". މީގެ އިތުރުން ސޫރަތުލް އިޚްލާޞް އާއި ސޫރަތު މަރްޔަމް ގިނަ ގިނައިން ކިޔެވުން. އަޑު އިވުމާއި ފެނުމާއި މިނޫންވެސް ނުކުޅެދުންތެރި ކަމެއް ހުރެއްޖެނަމަ: ކުރިން ބަޔާންކުރެވުނު އާޔަތް ތަކުގެ އިތުރުން ސޫރަތުލް އަޢްލާ ހަތްފަހަރު ކިޔެވުން، ސޫރަތުލް ބަލަދި ކިޔެވުން، އަދި ސޫރަތުލް ފާތިޙާ ގިނަގިނައިން ކިޔެވުން ހިމެނެއެވެ. ސިޙުރުވެރިކަމާއި، ޙަސަދަވެރިކަން، އެސްފިންނާ އަދި ޖިންނި އަވަލުން ފަދަ ކަންތަކުން ފަރުވާ ހޯދުމަށް: ކޮންމެ ދުވަހަކު ސޫރަތުލް ބަގަރާ ކިޔެވުން، އަދި އަޑުއެހުން ހިމެނެއެވެ. މީގެ އިތުރުން ފަލަގި ނާސި ދެސޫރަތް ކިޔެވުން ގިނަ ކުރުން ހިމެނިގެންވެއެވެ. ސުންނަތުގައި ޘާބިތުވެފައިވާ ބައެއް ދުޢާތައް: (اللهم أذهب الباس، رب الناس، اشف أنت الشافي، لا شفاء إلا شفاؤك، شفاء لا يغادر سقماً) މިދުޢާ ހަތްފަހަރު ކިޔުން، އަދި ތަދުވާ ތަނުގައި އަތްއަޅާފައި (بسم الله) ތިންފަހަރު، އަދި (أعوذ بالله وقدرته من شر ما أجد وأحاذِر) ހަތްފަހަރު ކިޔުން. والله أعلم.
تجدوا في افضل فنادق المالديف العروض و الرحلات المتميزة كما ان عروض ماليزيا تكون عبارة عن اسعار منخفضة و رفاهية غير مسبوقة و لهذا تجدوا اهم فنادق في تايلاند العنوان الامثل لرفاهية و استمتاع دائم
ReplyDelete