بسم الله الرحمن الرحيم * الحمد لله رب العالمين* الرحمن الرحيم* ملك يوم الدين* إياك نعبد و إياك نستعين* إهدنا الصراط المستقيم* صراط الذين أنعمت عليهم غير المغضوب عليهم ولا الضآلين*
މި ސޫރަތަށް " الفاتحة " މި ނަމުން ނަން ދެވިފައިވެއެވެ. އެހެނީ الله تعالى ކީރިތި ޤުރުއާން ފައްޓަވާފައިވަނީ މި ސޫރަތުންނެވެ. އަދި ނަމާދުގެ ކިޔެވުންވެސް ފެށެނީ މި ސޫރަތުންނެވެ. އަދި ހަމަ އެހެންމެ ޖުމްހޫރު ޢިލްމުވެރިން މި ސޫރަތަށް " أم الكتاب " އޭ ވިދާޅުވެއެވެ.
عن أبى هريرة رضي الله عنه قال.. قال رسول الله صلى الله عليه وسلم " الحمد لله رب العالمين أم القرآن وأم الكتاب والسبع المثانى والقرآن العظيم " ابي هريرة ރިވާ ކުރެއްވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم حديث ކުރެއްވެވިއެވެ. الحمد لله رب العالمين އެއީ ام القرآن އެވެ. ( ފޮތުގެ މަންމަ އެވެ.) އަދި އެއީ ތަކުރާރުކޮށް ކިޔެވޭ ހަތް އާޔަތެވެ. އެއީ މާތް މަތިވެރި ކީރިތި قرآن އެވެ.
އަދި ހަމަ އެހެންމެ މި ސޫރަތަށް '' الحمد" މިނަމުން ނަން ދެވިފައިވެއެވެ. އަދި މި ސޫރަތަށް " الصلاة " މިނަންވެސް ދެވިފައި ވެއެވެ. އެހެނީ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރަށްވާފައި ވެއެވެ. الله تعالى قدسي حديث އެއްގައި ވަޙީ ކުރެއްވެވިއެވެ. " قسمت الصلاة بيني وبين عبدي نصفين فإذا قال العبد الحمد لله رب العالمين . قال الله تعالى حمدني عبدي " ހަމަކަށަވަރުން ނަމާދު ތިމަން ރަސްކަލާންގެއާ ތިމަންރަސްކަލާންގެ އަޅާ އަށް ދެބަޔަކަށް ބެއްސެވީމެވެ. ތިމަންރަސްކަލާންގެ އަޅާ الحمد لله رب العالمين މިފަދައިން ކިޔައިފިނަމަ الله تعالى ވަޙީ ކުރަށްވާނެއެވެ. ތިމަންރަސްކަލާންގެ އަޅާ ތިމަންރަސްކަލާންގެ އަށް ޙަމްދު ކޮށްފިއެވެ.މި ހަދީޘްގައި ސޫރަތުލް ފާތިޙާ އަށް " الصلاة " ގެ ނަމުން މިވަނީ ނަށްދެވިފައެވެ. އެހެނީ ސޫރަތުލް ފާތިޙާ އަކީ ނަމާދުގެ ޝަރުޠެއްވެސްމެއެވެ.
އަދިވެސް މި ސޫރަތަށް ދެވިފައިވާ ނަންތަކުގެ ތެރޭގައި " الشفاء " މިނަން ވެއެވެ. އެހެނީ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރަށްވާފައިވެއެވެ. " فاتحه الكتاب شفاء من كل سم " މާނައަކީ ސޫރަތުލް ފާތިޙާ އަކީ ހުރިހާ ބަލިތަކަށްވާ ޝިފާ އެކެވެ.
އަދި ހަމަ މިސޫރަތަށް " الرقية " މިނަމުން ނަންދެވިފައި ވެއެވެ. އެހެނީ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރަށްވާފައިވެއެވެ. " وما يدريك أنها رقية " އެއީ رقية އެއްކަން ތިބާ އަށް ނޭނގޭ ހެއްޔެވެ. (އެބަހީ އެއީ އެންމެހާ ބަލިތަކަށް ނުރައްކާތެރި ކަންކަމުން ރައްކާތެރި ކޮށްދިނުމަށްވާ އެއްޗެކެވެ.)
އަދި އިބްނު ޢައްބާސްގެ ކިބައިން الشعبى ވިދާޅުވަނީ މި ސޫރަތަށް " اساس القرآن " މިނަން ދެވިފައި ވެއެވެ. އަދި މިސޫރަތުގެ އަސާސަކީ الرحمن الرحيم ކަމުގައި ވިދާޅުވިއެވެ.
އަދި سفيان بن عيينة މި ސޫރަތަށް " الواقية " މިނަން ދެވިފައިވާ ކަމުގައި ވިދާޅުވެއެވެ.
އަދި يحي بن أبى كثير މި ސޫރަތަށް " الكافية " މިނަން ދެއްވާފައި ވެއެވެ. އެހެނީ އެއީ އެހެން އެއްޗަކާ ނުލައި ފުދޭ އެއްޗެކެވެ. އަދި އެއާ ނުލައި ނުފުދޭނެ އެއްޗެކެވެ.
الكشاف ގައި زمخشرى ވިދާޅުވަނީ މިސޫރަތަށް " سورة الصلاة والكنز " މި ނަން ދެއްވާފައި ވެއެވެ.
މައްކީ އާއި މަދަނީ ދެނެގަތުން
ابن عباس ، قتادة ، أبو العالية ވިދާޅުވަނީ سورة الفاتحة އަކީ މައްކީ ސޫރަތެއް ކަމުގައެވެ.
ނަމަވެސް أبو هريرة، مجاهد، عطاء بن يسار، الزهرى ވިދާޅުވަނީ މިއީ މަދަނީ ސޫރަތެއް ކަމުގައެވެ.
އަދި ބުނެވޭ ގޮތުގައި މި ސޫރަތް ދެފަހަރު ބާވައިލެއްވިފައި ވެއެވެ. އެއްފަހަރު މައްކާއަށް އަނެއްފަހަރު މަދީނާ އަށެވެ.
ނަމަވެސް أبو الليث السمرقندى ވިދާޅުވަނީ އެއްބައި މައްކާގައި އަނެއްބައި މަދީނާގައި ބާވައިލެއްވުން އެއީ ވަރަށް ނާދިރު ގޮތެއް ކަމަށެވެ.
قرطبى ނަޤުލު ކުރަށްވާ ވިދާޅުވަނީ ޚިލާފެއް ނެތްގޮތުގައި އެއީ ހަތް އާޔަތެވެ.
عمرو بن عبيد ވިދާޅުވަނީ އެއީ އަށް އާޔަތް ކަމުގައެވެ.
حسين الجعفى ވިދާޅުވަނީ ހަ އާޔަތް ކަމުގައެވެ. ނަމަވެސް ފަހުން މިބަޔާންވި ދެ ރަޢުޔަކީ ޝާޛް ދެ ރަޢުޔެވެ.
މި މަޢުޟޫޢުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވަނީ ބިސްމިއާއި މެދުގައެވެ. ބިސްމި އަކީ ސޫރަތުލް ފާތިޙާގެ މުސްތަޤިއްލު އާޔަތެއްތޯ އާއި މެދުގައެވެ.
ވިދާޅުވަނީ މި ސޫރަތުގައި ވަނީ ފަންސަވީސް ކަލިމަ އެވެ. އަދި ސަތޭކަ ތޭރަ އަކުރެވެ. ބުޚާރީ މިސޫރަތުގެ ތަފްސީރު ގެ ކުރީބައިގައި ވިދާޅުވެފައި ވެއެވެ. " أم الكتاب " އެ ނަން ދެވިފައިވަނީ އެހެނީ މުސްޙަފް ފެށިފައިވަނީ އެ ސޫރަތުންނެވެ. އަދި ނަމާދުގެ ކިޔެވުން ފެށެނީ މި ސޫރަތުންނެވެ.
عن أبى هريرة رضي الله عنه قال.. قال النبي صلى الله عليه وسلم " الحمد لله رب العالمين سبع آيات بسم الله الرحمن الرحيم إحداهن وهي السبع المثانى والقرآن العظيم وهي أم الكتاب فاتحة الكتاب " ابى هريرة ގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. الحمد لله رب العالمين މި ސޫރަތުގައިވަނީ ހަތް އާޔަތެވެ. بسم الله الرحمن الرحيم އަކީ އޭގެ ތެރެއިން އެއް އާޔަތެވެ. އެއީ ތަކުރާރުކޮށް ކިޔެވޭ ހަތް އާޔަތެވެ. އެއީ މާތް މަތިވެރި ޤުރުއާނެވެ. އެއީ " أم الكتاب " އެވެ. (އެފޮތުގެ މަންމަ އެވެ.) އަދި އެއީ " فاتحة الكتاب " އެވެ. ( އެބަހީ އެފޮތުގެ ފެށުމެވެ.).
No comments:
Post a Comment