Wednesday, June 1, 2011

މައިންބަފައިންނަށް ކަމޭހިތުން


މައިންބަފައިންނަށް ކަމޭހިތުމަކީ ކޮބައިކަން ތިކުދިންނަށް އެނގޭހެއްޔެވެ؟ މައިންބަފައިންނަށް ކަމޭހިތުމަކީ މައިންބަފައިންގެ ބަސް އަހައި، އެ މީހުންނަށް އިޙްތިރާމްކޮށް، އެ މީހުން ދެކެ ލޯބިވެ، އަދި އެހީތެރިވެވޭ ހުރިހާ ގޮތަކުން މައިންބަފައިންނަށް އެހީތެރިވުމެވެ. އަދި މައިންބަފައިންނާ އެކު ވާހަކަ ދައްކާއިރު އަދަބުވެރިކަމާ އެކު ވާހަކަ ދައްކާ މާތްކޮށް ހިތުމެވެ. އަދި މައިންބަފައިން ވާހަކަ ދައްކަންޏާ އެ ވާހަކައެއް ކަނުލާ އަޑު އަހާ، އެ މީހުން ކުރިމަތީގައި ރުޅިވެރިކަމާއެކު ނުވަތަ ހަރު އަޑުން ވާހަކަ ނުދެއްކުމެވެ. އަދި މައިންބަފައިން ދެކެ ރުޅި ނައުމެވެ. އަދި މައިންބަފައިންނަށް ރުޅި މޫނު ނުދެއްކުމެވެ.
މައިންބަފައިންނަށް ކަމޭހިތުމަކީ، އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ. އަދި މައިންބަފައިންނަށް ކަމޭ ހިތުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. ކުޑަ ކުއްޖަކަސް ބޮޑު މީހަކަސް، އަދި އަންހެން ކުއްޖަކަސް ފިރިހެން ކުއްޖަކަސް، މައިންބަފައިންނަށް ކަމޭހިތަން ޖެހޭނެއެވެ.
އަލްއިސްރާ ސޫރަތުގެ 23، 24 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ : وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا (23)وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا  (24)
މާނައަކީ:''އެ ކަލާނގެ ރަސްކަންފުޅަށް މެނުވީ، ތިޔަބައި މީހުން އަޅުކަން ނުކުރުމަށް، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ، ނިޔާކުރައްވައި އެންގެވިއެވެ. އަދި މައިންބަފައިންނާ މެދު ހެޔޮކޮށް ކަންތައް ކުރުމަށްވެސް މެއެވެ. އެ ދެމީހުންކުރެ ކޮންމެ މީހަކު ނުވަތަ އެ ދެމީހުން ކުރެ އެކަކު ކަލޭގެ ގާތުގައިވާ ހާލު، މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ އެ ދެ މީހުންނަށް ''އުފް'' ވެސް ނުބުނާށެވެ. (އެބަހީ ފޫހިވުމުގެ ނުވަތަ ހިތާނުވުމުގެ ކިތަންމެ ކުޑަބަހެއް ވިއަސް ނުބުނާށެވެ) އަދި އެ ދެ މީހުންނަށް އަޑުލައި ނުހަދާށެވެ. އަދި މާތް ދީލަތި ބަސް އެ ދެ މީހުންނަށް ބުނާށެވެ. * އޯގާތެރިވުމުގެ ސަބަބުން ނިކަމެތިވުމުގެ ފިޔަ، އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ! ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ކުޑަކުޑަ ކުއްޖަކު ކަމުގައި ތިމަންނަވީ ދުވަހު ތިމަންނަގެ ހާލު ބަލައި ބޮޑުކުޅަފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވާފާނދޭވެ!''
އަދި އަލްޢަންކަބޫތުގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވަނީ:  وَوَصَّيْنَا الإِنْسَانَ بِوَالِدَيْهِ حُسْنًا
މާނައަކީ: ''ތިމަންރަސްކަލާނގެ އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް އިޙްސާންތެރިވުމަށް ވަޞިއްޔަތްކުރައްވަވައި އަމުރުކުރެއްވީމެވެ.''
މައިންބަފަށް ކަމޭ ހިތުމާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވަނީ: جَاءَ ‏ ‏رَجُلٌ ‏ ‏إِلَى رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ يَا رَسُولَ اللَّهِ ‏ ‏مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي قَالَ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أَبُوكَ
މާނަ: ''މީހަކު ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަން ޙައްޤުވަނީ ކޮން ބަޔަކަށްތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ތިބާގެ މަންމައެވެ.'' އެ މީހާ ދެންނެވިއެވެ. ''ދެން ކާކުތޯއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ދެން ވެސް ތިބާގެ މަންމައެވެ.'' އެ މީހާ ދެންނެވިއެވެ. ''ދެން ކާކުތޯއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ދެން ވެސް ތިބާގެ މަންމައެވެ.'' އެ މީހާ ދެންނެވިއެވެ. ''ދެން ކާކުތޯއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ދެން ތިބާގެ ބައްޕައެވެ.'' (ޞަޙީޙް އަލްބުޚާރީ: ކިތާބުލް އަދަބް 5626. ޞަޙީޙް މުސްލިމް 2548)
އިސްލާމްދީން ދެކޭ ގޮތުގައި މައިންބަފައިންނަށް ކަމޭ ހިތުމަކީ މުސްލިމަކަށް ކުރެވޭނެ އެންމެ ހެޔޮކަން ބޮޑު އެއް ކަމެވެ. ﷲ އަށް އަޅުކަން ކުރުމަށް އަމުރުކުރެއްވުމަށް ފަހު، މިއާއި ވިދިގެން މައިންބަފައިންނަށް ކަމޭ ހިތުމަށް ޤުރުއާނުގައި އަންގަވާފައި ވެއެވެ.
އަހަރެމެން މި ދުނިޔެއަށް އައުމުގެ ސަބަބަކަށް ﷲ މެދުވެރި ކުރައްވާފައި ވަނީ މައިންބަފައިންނެވެ. އަދި އަހަރެމެންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދީ ކުޑައިރު ކާންދީ، ކުޅޭ އެއްޗެހި ހޯދައިދީ، މަދަރުސާއަށް ފޮނުވައިގެން ކިޔަވައިދީ، ހަދަނީވެސް މައިންބަފައިންނެވެ. އަހަރެމެންނަށް ހިނގަން ނޭނގޭ އިރު އަތުގައި ހިފަހައްޓައިގެން ހިނގަން ދަސްކޮށްދީ، އަދި ވާހަކަ ދައްކަން ނޭނގޭއިރު ވާހަކަ ދައްކަން ދަސްކޮށްދީ ހެދީވެސް މައިންބަފައިންނެވެ.
އަހަރެމެންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ވެސް މައިންބަފައިން ވަނީ، އަހަރެމެން ބަލައި ބޮޑު ކުރަން ވަރަށް ބޮޑެތި ބުރަތަކެއް އުފުލާފައެވެ. މަންމަ ވަނީ، ނުވަ މަސްވަންދެން މަންމަގެ ބަނޑުގައި އަހަރެމެން އުފުލާފައެވެ. އޭގެ ފަހުން އަހަރެމެންނަށްޓަކައި އެތައް ރެއަކު ނުނިދާ ހޭލާ އިނދެފައެވެ. އަދި އަހަރެމެންނަށްޓަކައި އެތައް އިރެއް ވަންދެން މީރު ކާ އެއްޗެހި ތައްޔާރު ކުރަން އިނދެއެވެ. ބައްޕަ ވަނީ އަހަރެމެންނަށް ބޭނުންވާ ކާއެއްޗެއްސާއި ހެދުން، ފޮތް، އަދި ކުޅޭ އެއްޗެހި ފަދަ ތަކެތި ގަންނާނެ ލާރި ހޯދަން ވަރަށް ބުރަ މަސައްކަތް ކޮށްފައެވެ.
ވީމާ މިފަދަ ބަޔަކަށް ކަމޭ ހިތުމަކީ ކޮންމެ ކުއްޖަކުވެސް ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. މައިންބަފައިންނަށް ކަމޭ ހިތަން ޖެހެނީ ކޮންމެހެން އެ މީހުން އަހަރެމެން ބޭނުންވާ އެއްޗެހި ހޯދައިދޭތީ އެއް ނޫނެވެ. މައިންބަފައިންނަށް ކަމޭ ހިތަން ޖެހޭ އަސްލު ސަބަބަކީ، އެއީ އަހަރެމެންގެ މަންމަ އާއި ބައްޕައަށް ވީތީއެވެ.
ބޭރު ބައެއް ޤައުމުތަކުގައި، ބައެއް މުސްލިމް ކުދިންގެ މަންމަ ނުވަތަ ބައްޕައަކީ، ފަހަރެއްގާ މުސްލިމް މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވެ ހިނގައި ދާނެއެވެ. އެހެން ވެއްޖިއްޔާ އެ މީހުންނަށް ކަމޭ ހިތަން ޖެހޭނެހެއްޔެވެ؟ ޖަވާބަކީ، ކަމޭ ހިތަން ޖެހޭނެއެވެ. ޤުރުއާނުގައި އަހަރެމެން މުސްލިމުންނަށް މާތް ﷲ އަމުރު ކުރައްވާފައި ވަނީ، މުސްލިމް ނޫން މަންމަ ނުވަތަ ބައްޕަ ދަރިފުޅު ކައިރީ ޝިރުކު ކުރަން ބުނެފިނަމަ އެ ވާހަކަ އަޑު ނޭހުމަށެވެ. އެހެން ނަމަވެސް އެ މައިންބަފައިންނާ މެދު ރަނގަޅަށް ކަންތައް ކޮށް، ހެޔޮކޮށް ހިތުމަށެވެ. އަދި އިޙްތިރާމް ކުރުމަށެވެ.
އެގޮތުން ލުޤްމާން ސޫރަތުގެ 15 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ : وَإِنْ جَاهَدَاكَ عَلَى أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلا تُطِعْهُمَا وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا
މާނައަކީ : ''އަދި ތިމަންރަސްކަލާނގެ ރަސްކަންފުޅާއިމެދު އެ އެއްޗަކާއިމެދު ކަލެއަށް އެނގުމެއް ނުވާ އެއްޗެއް ޝިރުކުކުރުމަށް އެ ދެމީހުން ގަދައަޅާ މަސައްކަތްކޮށްފިނަމަ އެ ދެމީހުންނަށް ކިޔަމަން ނުވާށެވެ. އަދި ދުނިޔެމަތީގައި ހެއުކަމާއިއެކު އެދެމީހުންގެގާތު އުޅޭށެވެ.
ވީމާ މަތީގައި ދިޔަ ވާހަކަތަކުން އަހަރެމެންނަށް އެނގުނު އެއްޗަކީ މައިންބަފައިންނަށް ކަމޭހިތުމުގެ މުހިއްމު ކަމެވެ. ވީމާ ކޮންމެ ކުއްޖަކު ވެސް ވާން ވާނީ، މަންމަ އާއި ބައްޕަ ދެކެ ވަރަށް ލޯބިވާ އެ މީހުންގެ ބަސް އަހާ ރަނގަޅު ކުއްޖަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ، މައިންބަފައިންނަށް ކަމޭހިތާ ކުއްޖަކަށެވެ.
މައިންބަފައިންގެ ޙައްޤު :
އަހަރެމެންނަށް މީހަކު އެހީތެރިވެއްޖެނަމަ އެ އެހީތެރިވި މީހާއަށް ޝުކުރު އަދާ ކުރަން ޖެހެއެވެ. އެގޮތުން ބަލާއިރު މައިންބަފައިންނަކީ އަހަރެމެން އެންމެ ބޮޑަށް ޝުކުރު އަދާ ކުރަންޖެހޭ މީހުންނެވެ. އެއީ އެ މީހުން އަހަރެމެންނަށްޓަކާ ކޮށްދީފައިވާ ގިނަގުނަ ހެޔޮ ކަންތަކަށްޓަކައެވެ. އަދި އެ މީހުން އަހަރެމެންނަށް ދިން ލޯތްބާއި އަޅާލުމަށްޓަކައެވެ. އަދި އަހަރެމެން ބަލައި ބޮޑުކޮށް ތަރުބިއްޔަތުކުރި ކަމަށްޓަކައެވެ. މައިންބަފައިން އަހަރެމެންނަށްޓަކާ ކުރި އެއްވެސް ކަމެއްކުރީ، ފަހުން އޭގެ ބަދަލު ހޯދާކަށް ނޫނެވެ.
މައިންބަފައިން ތި ކުދިންނަށްޓަކައި ވީ ޤުރުބާނީތަކާއި، އުފުލި ބުރައާއި ކުރި މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭނެއެވެ. މައިންބަފައިންވީ ޤުރުބާންތަކުގެ ބަދަލެއްގެ ގޮތުން، އަހަރެމެން އެ މީހުންނަށް އަދާ ކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ. އެ ޙައްޤުތަކުގެ ތެރޭގައި މި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
1- މައިންބަފައިންނަށް ކިޔަމަން ގަނެ، އެ މީހުންގެ އަމުރުތަކަށް ބޯ ލެނބުން.
2- މަޑުމައިތިރިކަމާއި އޯގާތެރި ކަމާ އެކީ، މައިންބަފައިންނާ މުޢާމަލާތު ކުރުން.
3- މައިންބަފައިންނާ ވާހަކަ ދައްކާ އިރު އަޑު ހަރުކޮށް ވާހަކަ ނުދެއްކުން.
4- މައިންބަފައިންނާ ވާހަކަ ދައްކާ އިރު ކަނުލާ އަޑު އެހުން.
5- މައިންބަފައިންގެ އިޒުނަ ހޯދަން ޖެހޭ ކަންކަމުގައި އެ މީހުންގެ އިޒުނަ ހޯދުން.
6 މައިންބަފައިން ނުކުރާށޭ ބުނާ ކަންތައްތައް ނުކުރުން.
7- މައިންބަފައިންނާ ވާހަކަ ދައްކާ އިރު ރީތި މާތް ބަހުރުވައިން ވާހަކަ ދެއްކުން.
8- މައިންބަފައިން މުސްކުޅިވުމުންވެސް، އެ މީހުންނަށް ކަމޭހިތުން މަތީ ދެމިހުރުން.
9- މައިންބަފައިން މުސްކުޅިވުމުން އެ މީހުންނަށް ބޭނުންވާ ހުރިހާ އެހީއެއް ވެދިނުން. އަދި މި އެހީ ވާންޖެހޭތީ އެކަމާ ނުރުހުން ނުވުން.
10- މައިންބަފައިން މުސްކުޅިވުމުން އެކަނިކޮށް ނުލާ، އެ މީހުންނާ ވާހަކަ ދައްކައި، އެކިގޮތް ގޮތުން އެ މީހުންގެ ހިތަށް އުފާވެރިކަން ވައްދައި ދިނުން.
11- މައިންބަފައިން އުޅޭ ކޮޓަރިއަށް ހުއްދަ ނު ހޯދާ ނުވަނުން.
12- މައިންބަފައިންނަށް ހެޔޮ ދުޢާކޮށް ރަޙްމަތް ލެއްވުން އެދި ﷲ އަށް ދުޢާކުރުން.
13- މައިންބަފައިން ދުނިޔެ ދޫކުރުމުންވެސް އެ މީހުންނަށް ކަމޭހިތުމުގެ ގޮތުން ކުރަން ޖެހޭ ބައެއް ކަންތައް ކުރުން. މީގެ ތެރޭގައި އެ މީހުންގެ ވަޞިއްޔަތް ފުއްދުމާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުން ފަދަ ކަންތައް ހިމެނޭ.
އެންމެ ހެޔޮކޮށް ކަންތައް ކުރަން ޖެހޭ މީހުން :
އަހަރެމެން މުސްލިމުން ހުރިހާ މީހުންނާ މެދު ވެސް ކަންތައްތައް ކުރަން ވާނީ، ވީ އެންމެ ރަނގަޅަކަށެވެ. އެގޮތުން ތިމާގެ އެންމެންނާ މެދުވެސް ކަންތައް ކުރަންވާނީ ވަރަށް ރަނގަޅަށެވެ. ރައްޓެހިންނާ މެދުވެސް ކަންތައް ކުރަންވާނީ ވަރަށް ރަނގަޅަށެވެ. އެހެން ނަމަވެސް އެންމެ ރަނގަޅަށް ކަންތައް ކުރަން ޖެހެނީ މައިންބަފައިންނަށެވެ.
އެއް ދުވަހަކު މީހަކު ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހަށް އައިސް ދެންނެވި މި ސުވާލު ކިޔާލަމާ ހިނގާށެވެ!
އެ މީހާ : އޭ ﷲ ގެ ރަސޫލާ. އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަން ޙައްޤުވަނީ ކާކަށްތޯ؟
ކީރިތި ރަސޫލާ : ތިބާގެ މަންމަ.
އެ މީހާ : ދެން ކާކުތޯ؟
ކީރިތި ރަސޫލާ : ތިބާގެ މަންމަ.
އެ މީހާ : ދެން ކާކުތޯ؟
ކީރިތި ރަސޫލާ : ތިބާގެ މަންމަ.
އެ މީހާ : ދެން ކާކުތޯ؟
ކީރިތި ރަސޫލާ : ތިބާގެ ބައްޕަ.
މި ޙަދީޘްފުޅުން އަހަރެމެންނަށް އެނގޭ އެއްޗަކީ މަންމައަށް އަހަރެމެން ދޭން ޖެހޭ ދަރަޖައިގެ މަތިވެރި ކަމެވެ. ތިންފަހަރު ވެސް ރަސޫލާ ''މަންމަ'' އޭ ޙަދީޘް ކުރެއްވީ މަންމަގެ މަތިވެރި ދަރަޖައިގެ ބޮޑުކަމުންނެވެ.
މައިންބަފައިންނަށް ކަމޭހިތުން ޖިހާދު ކުރުމަށް ވުރެ ވެސް އިސް :
މައިންބަފައިންނަށް ހެޔޮކޮށް ހިތައި ކަމޭ ހިތުމަކީ ޖިހާދުގެ ވައްތަރެއް ކަމުގައި އިސްލާމްދީން ދެކެއެވެ. އަދި މައިންބަފައިންނަށް ކަމޭ ހިތުމަކީ ﷲ ގެ މަގުގައި ޖިހާދު ކުރުން ފަދަ ކަމެކެވެ. އެހެންވެ، ދަރިފުޅުގެ އެހީތެރިކަމަށް މައިންބަފައިން ބޭނުންވެފައި ތިއްބާ ޖިހާދު ކުރަން ދިއުންވެސް ހުއްދައެއް ނޫނެވެ.
އެއްފަހަރަކު މީހަކު އިސްލާމްދީނަށްޓަކައި ޖިހާދު ކުރަން ދާން އެދޭ ވާހަކަ ކީރިތި ރަސޫލާ އަރިހު ދެންނެވިއެވެ. އެ ވަގުތު އެ މީހާގެ މައިންބަފައިން ދުނިޔޭގައި އެބަ ތިބިތޯ ރަސޫލާ ސުވާލު ކުރެއްވިއެވެ. އެ މީހާ ދެންނެވީ، މައިންބަފައިން ދުނިޔޭގައި އެބަ ބިތި ކަމަށެވެ. އެ ހިނދު ރަސޫލާ ޙަދީޘް ކުރެއްވީ ކީކޭކަން ތިކުދިންނަށް އެނގޭހެއްޔެވެ؟ އެ މީހާގެ އެހީއަށް ބޭނުންވާ މައިންބަފައިން އެބަތިބިކަން އެނގިވަޑައިގަތުމުން ރަސޫލާ އެ މީހާއަށް އަމުރު ކުރެއްވީ އެނބުރި ގެއަށް ދާށެވެ. އަދި ގޮސް މައިންބަފައިންނަށް ކަމޭ ހިތާށެވެ. އޭރުން ޖިހާދު ކުރުމުން ލިބޭނެ ޘަވާބު ލިބޭނެ ކަމަށް ވެސް ކީރިތި ރަސޫލާ އެ މީހާއަށް އުނގަންނަވައި ދެއްވިއެވެ. މި ވާހަކަ އޮންނަނީ ޞަޙީޙް އަލްބުޚާރީގެ 3004 އަދި މުސްލިމްގެ 2549 ވަނަ ޙަދީޘްގައެވެ.
މައިންބަފައިން ދުނިޔެ ދޫކުރުމުންވެސް ހެޔޮކޮށް ހިތަން ޖެހޭ :
މައިންބަފައިންނަށް ކަމޭ ހިތަން ޖެހެނީ އެ ދެ މީހުން ދިރިތިބޭ ދުވަހު އެކަންޏެއް ނޫނެވެ. މައިންބަފައިން ދުނިޔެ ދޫކޮށް ދިއުމުންވެސް އެ މީހުންނަށް ކަމޭ ހިތަން ޖެހެއެވެ. އަދި ކަމޭ ހިތޭ ގޮތްތަކެއް ވެސް ވެއެވެ. މިގޮތުން ކުރެވޭ ހެޔޮކަންތަކުގެ ތެރޭގައި މައިންބަފައިން އެދުނު ގޮތަށް ރަނގަޅަށް އުޅުމާއި، އެ މީހުންނަށް ހެޔޮ ދުޢާ ކުރުމާއި، ތިމާގެ މީހުންނާ ގުޅުން ބޭއްވުމާއި، މައިންބަފައިންގެ ރައްޓެހިންނަށް ކަމޭ ހިތުން ވެސް ހިމެނެއެވެ.
މައިންބަފައިންނަށް ކަމޭ ހިތުމުގެ ބައެއް ނަމޫނާތައް:
މާތް ޞަޙާބީ ބޭކަލުންނާއި މި އުއްމަތުގެ ޞާލިޙް ބޭކަލުން ވަނީ މައިންބަފައިންނަށް ކަމޭ ހިތުމުގައި، ވަރަށް ރީތި ނަމޫނާއެއް އަހަރެމެންނަށް ދައްކަވާފައެވެ. ނިކަން މި ވާހަކަ ކިޔާލަބަލާށެވެ. އުސާމާ ބިން ޒައިދަކީ ޒުވާން ޞަޙާބީ ބޭކަލެކެވެ. އެ ކަލޭގެފާނުގެ ކަދުރު ރުއްތަކެއް މަދީނާގައި ހުއްޓެވެ. އޭރު ކަދުރު ރުކަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. ރުކެއްގެ އަގަކީ އެއް ހާސް ދީނާރެވެ. ދެން އެއް ދުވަހަކު އުސާމާ ބިން ޒައިދްގެ މަންމާފުޅު، ކަދުރު ރުކެއްގެ ކުރިގަނޑު ފަރީއްކުޅުއްވާ ހިއްޕުޅުވާ ވާހަކަ، އުސާމާ އަރިހު ވިދާޅުވިއެވެ. އުސާމާ ވަގުތުން އެ ރުއް ކަނޑާލައްވައި، ރުކުގެ ކުރިގަނޑު މަންމައަށް ގެނެސް ދެއްވިއެވެ. ދެން މަދީނާ މީހުން އެ ކަމާ ހައިރާންވެގެން، ސުވާލު ކުރީމާ، އުސާމާ ވިދާޅުވީ ކީކޭކަން ތި ކުދިންނަށް އެނގޭހެއްޔެވެ؟ ވިދާޅުވީ ''މަންމަ އެދިލެއްވި އެއްޗެއް، އެއީ އަހަރެންނަށް ހޯދައި ދެވޭނެ އެއްޗެއް ވިއްޔާ، އެ ހޯދައި ނުދީ އަހަރެން ނުހުންނާނަމެވެ.''
ދެން އެހެން ވާހަކައެކެވެ. ބުނެވޭ ގޮތުގައި ކުރީ ޒަމާނުގައި މަންމައަށް ވަރަށް ކަމޭ ހިތާ ކުއްޖަކު އުޅުނެވެ. ދެން އެއް ރެއަކު މަންމަ، ދަރިފުޅު ގާތުގައި ފެން ގެނެސްދޭން އެދުނެވެ. އޭރު ކޮންމެ ގެއަކު ފެން އިސްކުރާއި ވަޅު ނުހުންނާތީ، އެ ކުއްޖާ ދިޔައީ ބޭރުގައި ހުރި ފެންވަޅަކުން ފެން ގެންނާށެވެ. ނަމަވެސް ފެން ހިފައިގެން އާދެވުނު އިރު މަންމަ ނިދައިފިއެވެ. އެހެންވެ އެ ކުއްޖާ ހެދި ގޮތަކީ މަންމަ ހޭލަން ދެން އެތާ ހޭލާ ހުރީއެވެ. އެއީ ކީއްވެގެންކަން ތި ކުދިންނަށް އެނގޭ ހެއްޔެވެ؟ އަސްލު ވީ ގޮތަކީ، މަންމަ ކަރު ހިއްކައިގެން ހޭލެވިގެން ފެން ހޯދާ އިރު ފެން ނުފެނިދާނެހެން އެ ކުއްޖާއަށް ހީވީއެވެ. އެހެންވެ ހޭލާ އިރަށް މަންމަ އަށް ފެންދޭންވެގެން ހުރީއެވެ. އަނެއް ކޮޅުން ފެން ގެނެސްފީމޭ ބުނެ މަންމަ ހޭލައްވަން ވެސް އެ ކުއްޖާއަށް ނުކުރެނެވެ. އެއީ މަންމަގެ ނިދި ގެއްލިދާނެތީއެވެ.
އަދި އިތުރު އެއް ވާހަކަ ކިޔާލާށެވެ. އެއް ފަހަރަކު ޢުމަރު ބިން ޛައްރު ގާތު، އޭނާގެ ދަރިފުޅު އޭނާއަށް ކަމޭ ހިތަނީ ކިހިނެއްހޭ ސުވާލު ކުރެވުނީމާ ޖަވާބުގައި ބުންޏެވެ: ދުވާލެއް ވިއްޔާ ދުވަހަކު ވެސް އޭނާ އަހަރެންގެ ފަހަތުގައި ހުރެގެން ނޫނީ ނު ހިނގައެވެ. ރޭގަނޑެއް ވިއްޔާ ދުވަހަކު ވެސް އޭނާ އަހަރެންގެ ކުރީގައި ހުރެގެން ނޫނީ ނު ހިނގައެވެ. އަދި އަހަރެން ގޭތެރޭގައި ހުރިއްޔާ ދުވަހަކު ވެސް ފުރާޅަށް ނާރައެވެ.
އެއް ފަހަރަކު އިބްނު ޢުމަރު މައްކާ ގެ މަގަކުން ވަޑައިގަންނަވަނިކޮށް އަޢްރާބީއަކާ ދިމާވެގެން، އޭނާ އާ ސަލާމްކުރައްވައި، ސަވާރުވެ ހުންނެވި ޙިމާރަށް އޭނާ އަރުއްވާ، އިސްތަށިފުޅުގައި އޮތް ފަގުޑި އޭނާއަށް ހަދިޔާ ކުރެއްވިއެވެ. ދެން ފަހުން މި ކަމާ އިބްނު ދީނާރު ޙައިރާންވެވަޑައިގެން، ސުވާލު ކުރެއްވިއެވެ. ޖަވާބުގައި އިބްނު ޢުމަރު ވިދާޅުވީ، އެ މީހާއަކީ އިބްނު ޢުމަރުގެ ބައްޕާފުޅު، ޢުމަރުގެފާނަށް، ވަރަށް ހެޔޮކޮށް ހިތި މީހެއްގެ ދަރިއެއް ކަމަށެވެ. އެހެންވެ އޭނާ އަށް ހެޔޮކޮށް ހިއްތެވީ ކަމަށެވެ. އަދި ބައްޕައަށް ހެޔޮކޮށް ހިތި މީހެއްގެ ދަރިއަކަށް ހެޔޮކޮށް ހިތުމުގެ މާތް ކަމާ ބެހޭ ގޮތުން، ރަސޫލާ ޙަދީޘް ކުރެއްވި އަޑު އެއްސެވިކަމަށް ވެސް ވިދާޅުވިއެވެ.
ކަވާސާ.ކޮމް


2 comments:

  1. How to Make Money from betting online - Work/Tutorial
    This simple tutorial งานออนไลน์ will guide titanium wire you through how to make money from gambling online. How to Make 바카라 Money Online · deccasino Create 다파벳 Money On-line Bets · Get Started

    ReplyDelete